Last Updated: June 9, 06:10
Tuesday, June 9, 2026
މުނިފޫހިފިލުވުން

އަކްޝޭގެ 200 ވަނަ ފިލްމު އިއުލާން ކުރަނީ

ބޮލީވުޑްގެ ތަރި، އަކްޝޭ ކުމާރުގެ ކެރިއަރުގެ 200 ވަނަ ފިލްމު މި ހަފުތާގައި އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމު އިއުލާން ކުރާނީ މި މަހުގެ 9 ގައި އޭނަގެ 58 ވަނަ އުފަން ދުވަސް ފާހަގަކުރަން މީޑިއާތަކާއި ފޭނުންތަކަކާ އެކި ބާއްވާ ހާއްސަ ހަފުލާއެއްގައި ކަމަށެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭގެ އެކްޓިން ކެރިއަރުގެ ފެށުމަކީ 1987 ގެ "އާޖް" ގައި ކުޅުނު ކުރު ސަޕޯޓިން ރޯލެކެވެ. އަދި ލީޑް އެކްޓަރެއްގެ ގޮތުގައި އޭނަ ރަސްމީކޮށް ތައާރަފުވީ 1991 ގެ "ސޯގަންދު" އިންނެވެ. އޭގެ ފަހުން މިހާތަނަށް އޭނަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ.

ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ އަކީ އެންމެ ބިޒީ އެއް އެކްޓަރެވެ. ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް އޭނަގެ ހަތަރު ފަސް ފިލްމު ރިލީޒްވެ އެވެ.

މި އަހަރުގެ މިހާތަނަށް އަކްޝޭގެ ހަތަރު ފިލްމެއް ރިލީޒްވެފައިވެ އެވެ. އެއީ "ސްކައި ފޯސް" އާއި "ކޭސަރީ ޗެޕްޓާ 2" އާއި "ހައުސްފުލް 5" ގެ އިތުރުން ހާއްސަ ފެނިލުމެއް ކުޅުނު ތެލެގޫ ފިލްމު "ކަނައްޕާ" އެވެ.

މިދިޔަ އަހަރު ވެސް ފަސް ފިލްމަކުން ފެނިފައިވާ އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 19 އަށް ތާވަލުކޮށްފައިވާ "ޖޮލީ އެލްއެލްބީ 3" އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އެކްޓަރުގެ އަންނަ އަހަރަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫތު ބަނގްލާ" އާއި "ހައިވާން" ހިމެނެ އެވެ.

ކޭޕް އޮފް ގުޑް ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ އަކްޝޭ އަކީ މަޝްހޫރު ތަރިން ކަމަަށްވާ ޑިމްޕަލް ކަޕާޑިއާ އާއި މަރުވެފައިވާ ކުރީގެ ސުޕަސްޓާސް ރާޖޭޝް ކަންނާގެ ދަރިފުޅު ޓްވިންކަން ކަންނާގެ ފިރިމީހާ އެވެ.

އަކްޝޭ އަކީ ދެ ކުދިންގެ ބައްޕައެކެވެ.