Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ދަރަނިތައް ދައްކަން ކުރި ހޭދަ 7 ބިލިއަނާ ގާތަށް

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާ ކުރަން މި އަހަރުގެ މިހާތަނަށް 7 ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މުއްދަތުގައި ލޯނުތައް ދެއްކުމަށް އެކަނި 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އެހެންކަމުން ލޯނު ދެއްކުމަށް ކުރި ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު 144 ޕަސެންޓް އިތުރެވެ.

ލޯނުތައް ދެއްކުމަށް ކުރި ހަރަދުގެ އިތުރަށް އިންޓަރެސްޓް ދެއްކުމަށާއި ފައިނޭންސް ކުރުމަށް ކުރަންޖެހުނު ހަރަދުތަކާއެކު މި އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 6.7 ބިލިއަން ރުފިޔާ ހަރަދުވި އެވެ. ނިމުނު އަހަރު އިންޓަރެސްޓް އަދާކުރުމާއި ފައިނޭންސް ކުރުމުގެ ހަރަދުތަކާއެކު ދަރަނި އަދާކުރުމަށް ހޭދަވީ 4.5 ބިލިއަން ރުފޔާ އެވެ.

އެހެންވެ ނިމުނު އަހަރާ އަޅާބަލާ އިރު ދަރަނި އަދާކުރުމަށް މި އަހަރު ކުރަންޖެހުނު ހަރަދު 48 ޕަސަންޓް އިތުރެވެ.

ދަރަނި އަދާކުރުމުގެ ހަރަދުތައް އިތުރުވީ ނަމަވެސް މިދިޔަ މަހުގެ 28 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ލިބުނު އާމްދަނީއަށް ވުރެ އިތުރުވިޔަ ނުދީ ހިފަހެއްޓުނެވެ. އޭގެ ސަބަބުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅާ ހަމައަށް 5.2 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ބަޖެޓު މި އަހަަރުގެ އެ މުއްދަތުގައި 536 މިލިއަން ރުފިޔާއިން އަރަނިވެރިވި އެވެ.

މިދިޔަ މަހުގެ ނިޔަލަށް ބަޖެޓް ޑެފިސިޓެއް ނެތް ކަމަށް ދައްކާ އިރު، މިދިުަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް 15 ޕަސެންޠް ދަށް ކުރެވިފައިވެ އެވެ. އަދި ހަަރަދުތައް ކުޑަވި އިރު ނިމުނު އަހަރު ލިބުނު އާމްދަނީއަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.