ތައިލޭންޑަށް އާ ބޮޑުވަޒީރަކު އިއްޔެ އިންތިހާބުކޮށްފި އެވެ.
ތައިލެންޑުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އާއިލާ އަށް ނިސްބަތްވާ ޕެޓޮންގްޓާން ޝިނަވަތުރާ މިދިޔަ ހަފުތާގައި ބޮޑުވަޒީރުގެ މަގާމުން ވަކިކޮށް، އާ ބޮޑުވަޒީރަކަށް އިންތިހާބުކޮށްފައި ވަނީ ކުރިން ވެސް ސިޔާސީ ދާއިރާގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާފައުވާ ވިޔަފާރިވެރިޔާ އަނޫޓިން ޗާންވިރަކުލް، 58، އެވެ.
ތައިލޭންޑްގެ ބޮޑުވަޒީރުކަމުން 39 އަހަރުގެ ޕެޓޮންގްޓާން ވަކިކުރީ ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ބޯޑަރު ހަމަނުޖެހުންތައް ހޫނުވެފައި ވަނިކޮށް، އޭނަގެ ފޯނު ކޯލެއް ލީކްވި މައްސަލަ ހޫނުވެ، އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވައިލަމުން ދަނިކޮށެވެ.
ތައިލޭންޑްގެ 31 ވަނަ ބޮޑުވަޒީރު ކަމަށް ޕެޓޮންގްޓާން ވަޑައިގެންނެވީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނަ އަކީ ތައިލޭންޑްގެ ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރި އެ ގައުމުގެ ފަސް ވަނަ ބޮޑުވަޒީރެވެ.
ވިޔަފާވެރިއެއްގެ އިތުރުން ސިޔާސީ ދާއިރާގެ ތަޖުރިބާރު ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އާ ބޮޑުވަޒީރު އަނޫޓިން އަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ތައިލޭންޑްގެ ބޮޑުވަޒީރު ކަމަށް އިންތިހާބުކުރި ތިން ވަނަ ބޮޑުވަޒީރެވެ.
ގައުމުގެ ހިންގުމުގެ މަގާމު އޭނަ އަށް ލިބިވަޑައިގެންނެވި އިރު، ނިސްބަތްވާ ޕާޓީ، ބުމްޖައިތައީ އަށް ގާނޫނު މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން ލިބިފައި ވަނީ އެންމެ 69 ގޮނޑި އެވެ. އެހެންވެ ތައިލޭންޑްގެ ބޮޑު ދެ ޕާޓީގެ ތެރެއިން އެއް ޕާޓީގެ ތާއީދު އެ ޕާޓީ އަށް ބޭނުން ވާނެ އެވެ.
އަނޫޓިން އަކީ ކުރިން ތައިލޭންޑްގެ ބޮޑުވަޒީރުގެ ނައިބުކަމާއި މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވީ ޖުލައި 10، 2019 އިން ޖޫން 19، 2025 އަށެވެ.