Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އައްޑޫގައި ކަރަންޓްގައި ޖެހުނު މީހަކަށް ފަރުވާ ދެނީ

ރޭ މެންދަމު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހި ފިހުނު މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

ފަރުވާ ދެމުން އަންނަނީ 33 އަހަރުގެ ފިރިހެނަކަށެވެ.

ހޮސްޕިޓަލުން ބުނީ އެ މީހާގެ ފުރާނައަށް ނުރައްކާ ނުވިޔަސް ކަނާތާއި ވާތުފައި ފިހިފައިވާތީ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށެވެ.

ފެނަކަ އިން ބުނީ މެންދަމު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑުނީ ފޭދޫގެ ޓާމިނޭޝަން ބޮކްސްއެއްގެ ކަވަރު ނައްޓައިގެން ކޭބަލެއް ބުރިކުރުމުގެ ސަބަބުން ކޭބަލް ޝޯޓްވެގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ގުޅިފައިވާ އަވަށްތަކަށް އަލުން ކަރަންޓް އެއްކޮށް ދެވޭ ވަރުވީ ހެނދުނު 6:00 ޖަހަން ގާތްވެފައި ވަނިކޮށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދެނީ އާރޭފް ސަރަހައްދުގައި ހުންނަ މަރުކަޒީ އިންޖީނުގެއިންނެވެ.

ޓްރާންސްފޯމަރުތަކުންނާއި އެ ނޫން ވެސް ތަންތަނުން ކަރަންޓް ކޭބަލް ވަގަށް ބުރި ކުރުމަކީ މި ފަހުން ވަރަށް ބޮޑަށް އާންމުވަމުންދާ މައްސަލައެވެ. ދާދި ފަހުން ފޭދޫގެ ކުރީގެ ބޯޅަދަނޑުގައި ހުރި ކޭބަލްތަކެއް ވެސް ބުރިކޮށްގެން ވަގަށް ނަގާފައިވެ އެވެ.

މި ފަހުން މާލެ އާއި ހުޅުމާލޭގެ ކަރަންޓް ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އުޅުމުގެ ތެރޭގައި ހާދިސާތަކެއް ހިނގާފައިވެ އެވެ. އަދި އެފަދަ ހާދިސާއެއްގައި 2023 ގައި މީހަކު މަރު ވެސް ވެފައިވެ އެވެ.