ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން ފެނަކައިން އިލްތިމާސްކޮށްފި އެވެ.
ފެނަކައިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ރޭ ދަންވަރު އައްޑޫގެ 41 ނަމްބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމަކަށްވުމުން، މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި މައްސަލާއިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެން ދާނެ ކަމަށް ފެނަކަ އިން ބުނެ އެވެ.
މީގެ އިތުރުން ފެނަކަ އިން ވަނީ އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދީފަ އެވެ.