Last Updated: July 8, 11:51
Wednesday, July 8, 2026
ޚަބަރު

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރޭ

މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރަން ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފި އެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޘާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށެވެ. އއެގޮތުން ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

ތަޢުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިޢުމަތެއްކަން ފާހަގަކުރައްވައި، ސާޖިދާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ. އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށް ދެއްވި އެވެ.

އެގޮތުން ދިވެހި ޤައުމަށް ފާރަވެރިވެ، އަޚްލާޤް ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް ދަރިވަރުންގެ އެދިވަޑައިގެންނެވި އެވެ. ދިރިއުޅުމުގައި ޤަދަރާއި ޢިއްޒަތް ލިބި، މަތިވެރި އަޚްލާޤާއި ހެޔޮވިސްނުންތެރިކަމާއިއެކު ލިބިފައިވާ ޢިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވި އެވެ.

މީގެއިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ދިވެހި ތަޢުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ޤައުމަށް ޢިލްމީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން ވެސް ފާހަގަކުރެއްވި އެވެ.