ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެއިން 3-0 އިން ސްރީ ލަންކާ ބަލިކޮށްފި އެވެ.
ލަންކާގެ ވެރިރަށް، ކޮލަމްބޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓްގައި ރާއްޖޭގެ ފުރަތަމަ ގޯލު ނާއިޒު ހަސަން (ދާދު) ކާމިޔާބުކުރިއިރު، އޭގެ 10 މިނެޓް ފަހުން ރާއްޖޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ނަތީޖާގެ ފަރަގު ކުޑަކޮށްލަން ލަންކާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ކެލާޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މި މެޗުގައި ރާއްޖޭގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގައި ލަންކާއާއެކު ރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. މި މެޗު ވެސް ކުޅޭނީ ލަންކާގަ އެވެ.
މި ދެ މެޗަކީ ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ފުރަތަމަ ދެ މެޗެވެ.