Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

'ޗައިލްޑް އެބިއުޒް' އަށް ސަމާލުވަމާ!

މިއަދު ދިވެހި މުޖުތަމައުގައި ހިނގާ އެންމެ ފާޙިޝް ޢަމަލުތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ނިހާޔަތަށް ހިތާމަހުރި، އަދި މުޅި އިންސާނިއްޔަތަށް އޭގެ ގެއްލުން ކުރާނެ، ނޭދެވޭ ފާޙިޝް ޢަމަލެކެވެ. ވީމާ މިކަމަށްޓަކައި ކުދިބޮޑު އެންމެން، ރައީސުންނާއި ވަޒީރުން، މައިންނާއި ބަފައިން، މުދައްރިސުންނާއި ޓީޗަރުން، ފިރހެނުންނާއި އަންހެނުން އަދި މުސްތަގިއްލު މުއައްސަސާތަކާއި އެނޫން އިދާރާތައްވެއް މިކަމަށް ފިކުރާ ބަހައްޓަން، އިސްލާމީ ނަޒަރިއްޔާގެ ތެރެއިން އިސްތިސްނާ ނުވާ ގޮތަށް، މުޅި ދިރިއުޅުމުގެ ދުސްތޫރީ ގަވާއިދުން ވެސް ލާޒިމުކުރެ އެވެ.

މިހެނީ މި އަނިޔާވެރި ޢަމަލަކީ، އެކަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި މުޅި އިސްލާމީ ޝަރީޢަތް ބާވައިލެއްވުނު ކަންކަމުގެ ތެރެއިން އިންސާނީ ނަސްލާއި ނަފްސު ޙިމާޔަތް ކުރުމުގެ މަތިވެރި އިންސާނީ ޙައްޤާއި ޚިލާފު ނޭއްގާނީ ޢަމަލެކެވެ. ވީމާ މި ޢަމަލު ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެވިގެން މެނުވީ މިކަމަކަށް ޙައްލެއް ނާންނާނެ އެވެ.

މިކަމަށްޓަކައި ހައްލު ހޯދުމަށް ރުޖޫޢަވާންވީ އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ﷲތަޢާލާގެ މަތިވެރި ޝަރީއަތަށެވެ. މީގެ ޙައްލު އޮތީ “އިސްލާމުންގެ ގާނޫނުއަސާސީ، ކީރިތި ޤުރުއާން" ގަ އެވެ. ކުދިންގެ ޙައްގުގައި މަސައްކަތް އެންމެ ކުރީއްސުރެން ކުރަމުން އައީ މި މަތިވެރި ޝަރީޢަތެވެ. މިކަމުގެ ޙައްލު ހޯދަން މަޝްވަރާ ކުރުމުގެ ދޮގު ދަޢުވާގައި، ދުވަސްތައް ފާއިތު ކުރަމުންގޮސް މުޖުތަމަޢު ފަނާކުރުމެއް ނެތެވެ.

ކުދިންގެ ތަރުބިއްޔަތާއި ގޭތެރޭގެ މާޙައުލު އިސްލާމީ ތަރަހައިގެ ތެރެއަށް ފެއްތުމަކީ މިކަމުގެ އެންމެ ފުރަތަމަ ފިޔަވައްސެވެ. ކުދިންނަށް މިކަމުގެ އުނދަގޫ އެންމެ ފުރަތަމަ ފޯރާކަމަށް ދިރާސާތަކުން ދައްކަނީ، ކޮންމެވެސް ހިސާބަކުން ކުއްޖާގެ ގާތްތިމާގެ މީހެއްގެ ފަރާތުންނެވެ. މީގެ އިތުރުން “މަންމި” ގެ ފްރެންޑުން، ނުވަތަ “ޑެޑީ” ގެ ފްރެންޑުން، ނުވަތަ ދައްތަމެންނާއި ބޭބެމެންގެ ފްރެންޑުންގެ ފަރާތުން ވެސް މި މަޢްޞޫމު ކުދިންނަށް މި އުނދަގޫ ފޯރަ އެވެ.

މިކަމަކީ މިއީ ދިވެހިގައުމުގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި، ޚާއްސަކޮއް މުސްލިމް ނޫން މުޖުތަމަޢު ތަކުގައި ވަރަށް ގިނައިން ހިނގާ ހުތުރުކަން ބޮޑު ޢަމަލެކެވެ. އިސްވެ ބަޔާން ކުރެވުނު ފަދައިން އިސްލާމީ އުސޫލު އެ އާއިލާތަކުގައި ނޮއޮންނަ އާއިލާތައް، މި ވަޙްޝީ ބައިގަނޑުގެ ޝިކާރައަކަށް ވާ ފަހަރު ފަހަރު ވަރަށް ގިނަ އެވެ. ސަބަބަކީ މިފަދަ ގެތަކަށް ވަނުމުގައި އިޒުނައެއް ހުއްދައެއް ހޯދަން ޖެހޭކަމާ މެދު މިބައި މީހުން ވަނީ ޢާފިލުވެފަ އެވެ. ގެތަކަށް ވަނުމުގައި މަޙްރަމެއް އެހެން މީހެއް، ވަކި ތަފާތެއް ނޯންނާތީ އެވެ. ވީމާ މިކަމުގައި ދަރީންނަށް އިރުޝާދު ދޭން އެބަ ޖެހެ އެވެ.

މި މަޢުލޫމާތު އެ ދަރީންނަށް ދޭނެ ވަކި ޚާއްޞަ އުމުރެއް ނެތްކަމުގައި މިކަމުގެ މުސްތަޝާރުން ދެކެ އެވެ. “ޗައިލްޑް އެބިއުޒް” އަކީ މުޖުތަމަޢްގެ ގިނަ މީހުންގެ ވިސްނުމާއި ޚިލާފަށް ފިތުނައިން ފުރިގެންވާ ކޮންމެ މުޖުތަމައެއްގައި ވެސް ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. މިކަން މީގެ ފުރަތަމަ ސްޓޭޖްގައި ދެނެގަތުމަކީ ވަރަށް އުނދަގޫކަމެއް ކަމުގައި ކުދިންނަށް ވަނީ ވެފަ އެވެ. އެހެން ނަމަވެސް މިކަން ދެނެގަތުމަކީ ނުވަތަ މިކަން ދެނެގަންނާނެ ގޮތް ކުދިންނަށް ކޮންމެވެސް ވަރަކަށް ނަމަވެސް އެނގިފައި އޮތުމަކީ މިކަމުން ސަލާމަތް ވުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ.

ތިމާގެ ދަރިން މިކަމުން ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ އެ ދަރިފުޅަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުއްޖެއް ކަމުގައި ހަދާށެވެ. ދަރިފުޅު ވާހަކަ ދައްކަންފަށާ އުމުރުގައި ވަރަށް ގިނަ ސުއާލުތައް ކުރާނެ އެވެ. އެއިން ކޮންމެ ސުވާލަކަށް އެންމެ އެކަށީގެންވާ ޖަވާބު ދޭން ވާނެ އެވެ.

ސުވާލު ކިތަންމެ ގިނަ ކުރި ކަމުގައި ވިޔަސް އެކަމުން ތިމާޔަށް އުނދަގޫވާކަން ދަރިފުޅަށް އެންމެ ކުޑަމިނުން އިހްސާސް ވެސް ކުރެވިގެން ނުވާނެ އެވެ. މީގެ އިތުރުން ދަރިފުޅުގެ އިޒުނަ ނެތި އެއްވެސް ވަރަކަށް ދަރިފުޅު ގައިގަ މީހަކަށް އަތްލެވިގެން ނުވާނެ ކަމަށް ދަރިފުޅު ކައިރީ ބުނެވިދާނެ އެވެ. ނޫނީ ރަނގަޅު ބީހުމާއި ނުބައި ބީހުން ވަކިކޮށް، ދެނެގަންނާނެ ގޮތް ދަރިފުޅަށް ކިޔައި ދިނުމަކީ ވެސް ބޭނުންތެރި ކަމެކެވެ. އަދި ހަމަ އެހެންމެ ދަރިން ފާޅުކުރާ ކޮންމެ ޝުޢޫރަކީ ލޯތްބާ އެކު ބަލައިގަންނަ އެއްޗަކަށް ހަދަން ވާނެ އެވެ. އެއީ ކޮންމެ މޭރުމަކުން ފާޅުކުރެވޭ ޝުޢޫރެއް ކަމުގަވިޔަސް އެވެ.

މީގެ ސަބަބުން ކުދިން ބެލެނިވެރީންނާއި މެދު އޮންނަ ގުޅުން ބަދަހިވެ، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކޮށްލުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެ އެވެ. ދަރިފުޅު ހިއްސާކުރާ ކަންކަން އޭގެ އެއްމެ ފުރަތަމަ ހަރުފަތުގައި އިންކާރު ނުކޮށް، އެ ވާހަކައިގެ ހަގީގަތް ދެނެގަނެވެތޯ ފަރުވާތެރިކަމާ އެކު، އިހުމާލު ކުރުމެއްނެތި މަސައްކަތްކުރާށެވެ.

ﷲގެ ވާގިފުޅާއެކު ދަރިން މިކަމުން ސަލާމަތް ކުރުމަށްޓަކައި އިތުރު ކުރިއެރުން ލިބޭނެ އެވެ.

މަސްދަރު: ދިސަލަފިއްޔާ