އެފްއޭއެމުން ބާއްވަން ނިންމި 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކުރިން ދިން މުއްދަތު މި މަހުގެ 1 ހަމައަށްވެފައިވާ އިރު އެފްއޭއެމުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިހާރު މި މަހުގެ 11 އަށް ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެފްއޭއެމުން ބުނީ މުބާރާތުގައި ޓީމުތައް ބައިވެރި ކުރަން ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކަށާއި ރަށުގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބަށާއި މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބްތަކަށް ކަމަށެވެ. އެގޮތުން އެއް ކްލަބަކަށް ވުރެ ގިނަ ކްލަބް ރަޖިސްޓްރީކޮށްފި ނަމަ، ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައަޅާނީ ގުރުލައިގެން ކަމަށް އެފްއޭއެމުން ބުންޏެވެ.
އެ އިދާރާ އިން ބުނީ މުއްދަތު އިތުރުކުރީ ކުރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، އެ ރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނު ވެ، އަދި ޓީމެއް ވެސް އެންޑޯޒްކުރަން ބޭނުންނު ވި ބައެއް ރަށްރަށުގެ، ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް އެސޯސިއޭޝަނުގައި އެދެމުންދާތީ ކަމަށެވެ.
ފުޓްބޯޅައިގެ އާ އޮނިގަނޑުގައިވާ ހަތަރު ރީޖަންގެ ތެރެއިން އަތޮޅު ތެރެއަށް ނިސްބަތްވާ ތިން ރީޖަނެއްގައި "އެޓޯލް ޗެމްޕިއަންޝިޕް" ބާރާތް ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން ދެން ކުޅޭނީ މާލޭ ރީޖަންގެ މުބާރާތެވެ. އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެކެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ކޮންމެ ރީޖަނަކުން ވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެ އެވެ. މިހާރު އޮތް ގޮތުން އަންނަ މަހު ފަށައި، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓް ވާނެއެވެ.
ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. އަދި ސައުތު ރީޖަންގައި ހިމެނެނީ ތ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑު އެވެ.
'އެޓޯލް ޗެމްޕިއަންޝިޕް" އަށް ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި، ސެންޓްރަލައިޒްކޮށް ހޯސްޓް ކުރުމަށް އެފްއޭއެމޔން ނިންމާފައިވާ އިރު، ކޮންމެ ރީޖަނެއްގެ ވެސް ކޮލިފިކޭޝަން ބެހިގެން ދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ.