Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ފުރަތަމަ 7 މަހު ބޭރުކުރި މަހުގެ މިންވަރު އިތުރު

މި އަހަރުގެ ފުރަތަމަ 7 މަހުގެ ތެރޢގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 88.8 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓްކުރީ 27،950 މެޓްރިކްޓަނުގެ މަހެވެ.

ފިނިކުރި ތާޒާ ކަނޑުމަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓްކޮށްފައި ވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަ ނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންވެ މިއީ 106.2 ޕަސެންޓްގެ އިތުރުވުމެކެވެ.

މީގެއިތުރުން ކަނޑުމަސް ނުހިމަނައި ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. އެއީ 10 ޕަސެންޠްގެ އިތުރުވުމެކެވެ.

އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ 65 ޕަސެންޓްގެ އިތުރުވުމެކެވެ.

ނަމަވެސް ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހު ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 3،536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓްކޮށްފައި ވަނީ 3،752 މެޓްރިކްޓަނުގެ މަހެވެ.