Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އާފަލު އަގު ބޮޑުކަމުން ޒައިދު ވެސް ކަންބޮޑުވެއްޖެ!

މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ބާޒާރުގައި އާފަލުގެ އަގު ނުއުފުލޭ މިންވަރަށް އުފުލިފައިވާތީ އެކަމުގެ ކަންބޮޑުވުން ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައީދު ވެސް ފާޅު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ "އާފަލުގެ އަގުބޮޑުވެ، ގައުމު މި ދަނީ ފާލަމުން ނެއްޓެމުން" ކަމަށެވެެ.

ޒައިދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި މިހާރު ހުރިހާ ތަކެއްޗެއްގެ އަގު ވެސް ހުރީ އަތްނުފޯރާ ހިސާބުގައި ކަމަށެވެ.

"އިގުތިސާދީ މި ދަތިކަމުން އަރައި ގަންނަން ކުރެވިދާނެ ކަމަކީ ކޮބައިތޯ؟" އޭނަ އައްސަވާފައިވެ އެވެ.

އާފަލުގެ އަގު މި ފަހުން 10ރ. އެރުމަށް ފަހު މިހާރު މާލޭގެ ބާޒާރުން އާފަލު ލިބެން ހުރި އަގު ވަނީ 14ރ. އަށް އަރައިފަ އެވެ. މިއާ އެކު އަތޮޅުތަކުގެ ރަށްރަށުން ވެސް މިހާރު އާފަލު ވިއްކާ އަގުތަކަށް ބަލާ އިރު، އާންމުންނަށް އާފަލު ގަނެގެން ކެވޭ ވަރަށް އަގު ބޮޑު ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އާފަލަކީ ރާއްޖޭގައި ހައްދާ ބާވަތަކަށް ނުވާތީ މިއީ އަބަދު ވެސް ބޭރުން އެތެރެކުރާ މޭވާއެކެވެ. އަދި އާފަލަކީ އަބަދ ވެސް ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ މޭވާއެކެވެ. އެގޮތުން އާންމުކޮށް އާފަލެއް 5-7ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެ އެވެ.

ނަމަވެސް މިހާރު އާފަލު އަގު މި ވަނި ދެގުނަ އުފުލިފަ އެވެ.

ބާޒާރުތަކެތީގެ އަގުބޮޑުވަމުންދާ އިރު، އަސާސީ ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާާ ކަމަށް ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.