Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ބައްޕަގެ ފިލްމެއް ހުޝީ ވެސް ކުޅެނީ

ހަގު ދަރިފުޅު ހުޝީ ކަޕޫރް ހިމަނައިގެން ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.

ބޮލީވުޑްގެ ހަންގާމާ އިން ދިން އިންޓަވިއުއެއްގައި އެކަން ކަށަވަރުކޮށް ދިން ނަމަވެސް، ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ބޯނީ ނުދެ އެވެ.

ހުޝީގެ ތިން ފިލްމެއް މިހާތަނަށް ބެލުންތެރިންނާ ހަމައަށް އައިސްފައިވެ އެވެ. އޭނަގެ ފުރަތަމަ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ. އޭގެ ފަހުން މި އަހަރު ވަރަށް ކައިރި ކައިރީގައި ހުޝީގެ ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ތައާރަފުކޮށް، މާޗްގައި ގެނެސްދިން "ނާދާނިޔާން" އާއި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާ ބަތަލުގެ ރޯލު ކުޅެ، އެޕްރީލްގައި ގެނެސްދިން "ލަވްޔާޕާ" އެވެ.

ހުޝީގެ އެއްވެސް ފިލްމަކަށް މާ ބޮޑު ތަރުހީބެއް ލިބިފައެެއް ނުވެ އެވެ.

އޭނަ އަކީ ކުރީގެ ބަތަލާ ސްރީދޭވީ އާއި ބޯނީގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅުގެ އިތުރަށް، ބޯނީގެ ހަތަރު ދަރިންގެ ތެރެއިން ވެސް އެންމެ ހަގު ދަރިފުޅެވެ.

ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްރީދޭވީގެ ފަހު ފިލްމު ކަމަށްވާ ބޯނީ ޕްރޮޑިއުސްކޮށް ގެނެސްދިން 2018 ގެ ކްރައިމް ތުރިލާ "މޮމް" ގެ ދެވަނަ ބައި ހުޝީއާ އެކު ހަދަން ނިންމާފައިވެ އެވެ. އެހެންވެ ހުޝީއާ އެކު ބޯނީ ހަދަން އުޅެނީ މި ސީކްއެލް ކަމަށް ބެލެވެ އެވެ.

ހުޝީ ބަތަލާގެ ރޯލު ކުޅޭ ފިލްމެއް ޕްރޮޑިއުސް ކުރަން ބައްޕަ ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އެއްބަނޑު އެއްބަފާ ދައްތަ ޖާންވީ ކަޕޫރް ހިމަނައިގެން ވެސް އިތުރު ފިލްމެއް ހަދަން ހަމަޖެހިފައިވާ ކަމަށް ބޯނީ ބުންޏެވެ. ޖާންވީ ކުރިން ވެސް ބައްޕަ ޕްރޮޑިއުސްކުރި ފިލްމެއް ކުޅުނެވެ. އެއީ 2022 ގެ ސަވައިވަލް ތުރިލާ "މިލީ" އެވެ.

ބޯނީ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ފަށަން ދޮށީ ދަރިފުޅު އަދި ހަމައެކަނި ފިރިހެން ދަރިފުޅު، އަރުޖުން ކަޕޫރް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް ޑައިރެކްޓަރު އަނީސް ބަޒްނީގެ "ނޯ އެންޓްރީ 2" އެވެ.

މިއީ ބޯނީ ޕްރޮޑިއުސްކޮށް 2005 ގައި ގެނެސްދިން "ނޯ އެންޓްރީ" ގެ ސީކްއެލް އެވެ.