Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

ދަރަނިން ސަލާމަތް ކުރާނެ ގޮތް ރައީސް ބުނެދޭން ޖެހޭ

ރާއްެޖެ ދަރަނިން އަރައިގަންނާނެ ގޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ތިލަކޮށް ސާފުކޮށް ދެއްވަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި އޭނަ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ދަރަނީގެ ހާލަތާ މެދު އެންމެން ވެސް ބިރު ގަންނަ ކަމަށެވެ.

"އެހެންވެ ދަރަނިން އަރައިގަތުމަށް މަސައްކަތް ކުރައްވަން ނިންމަވާފައިވާ ގޮތެއް ރައީސް މުއިއްޒު އެބަޖެހޭ ސާފުކޮށް ދެއްވަން،" މާރިޔާ ވިދާޅުވި އެވެ. "މިކަން ސާފުކޮށް ދެއްވަން ޖެހެނީ އެންމެ އާދައިގެ މީހާ އަށް އެނގޭ ކަހަލަ މޭރުމަކުން."

އޭނަ ވިދާޅުވީ ދަރަނީގެ ވާހަކަ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ ހައްލެއް ނޫން ކަމަށާއި މިކަން ސިޔާސީ ނުކޮށް ބޭނުން ވަނީ ހައްލުތަކެއްގެ ވާހަކަ އަޑު އަހަން ކަމަށެވެ.

"އަދި ބޭނުންވެއްޖެ ހިނދެއްގައި، ގެންނަންވީ ބަދަލުތަކާއި، ވާންވީ ޤުރުބާނީތަށް އެނގޭ ގޮތަށް، މި ހާލަތުން އަރައިގަނެވޭނެ ގޮތް ބުނެދޭން ޖެހޭ." މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 9.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ގެ ނިޔަލަށް ލޯނުތައް ދެއްކުމަށް 6.7 މިލިއަން ރުފިޔޭ ހޭދަކޮށްފައިވެ އެވެ.