Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފިލްމެއް ބަލާފައި ދެ އަންހެނަކު މާރާމާރީ ހިންގައިފި!

ހިތަދޫ ޕޮލިސް ސްޓޭޝަން.

ރޭ އައްޑޫ ހިތަދޫގައި "ކަނބުލޮ" ފިލްމު ބަލަން ދިޔަ އަންހެނުންތަކެއް މާރާމާރީ ހިންގައިފި އެވެ.

އެ މާރާމާރީ ހިންގީ ހިތަދޫގައި ހުންނަ ވިލާ ކޮލެޖް ކެމްޕަހުގައި އެޅުވި ފިލްމު ބަލައިފައި ނުކުތް ދެ އަންހެނެކެވެ. އެ މީހުން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، މާރާމާރީ ހިންގި ދެ މީހުން ދުރުކުރަން ބަޔަކު މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ.

މާރާމާރީ ހިންގީ 22 އަހަރާއި 20 އަހަރުގެ މީހެކެވެ. އެ މާރާމާރީގައި އެ މީހުންނަށް ލިބުނު ޒަހަމްތަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ވެސް ދީފައިވެ އެވެ.

އެ މަރާމާރީއާ ގުޅިގެން ބައެއް މީހުން ބުނެފައި ވަނީ ދެ އަންހެނުން އަރައިރުންވެ، އެކަކު ގަޔަށް އަނެކަކު އަތްލައި މާރާމާރީ ހިންގި "ބިޓެއް" ގެ މައްސަލައިގައި ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން މިއަދު ބުނީ ދެ އަންހެނަކު މާރާމާރީ ހިންގި މައްސަލަ ރޭ 10:45 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ 31 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި "ކަނބުލޮ" ގެ ދެ ޝޯއެއް ހިތަދޫގައި ދައްކާފައިވެ އެވެ އެއީ ރެ އާއި އޭގެ ކުރީ ރެ އެވެ. ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޖީންސީ ގޯނާ އާއު ގެވެށިއަނިޔާގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.