Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

އެމްއޭސީއެލުން ހަވާލުވި އެއާޕޯޓްތަކުގެ ހާލަތު ބަލަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ހިންގަމުން އައި ނުވަ ޑޮމެސްޓިކް އެއާޕޯޓެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވުމާ ގުޅިގެން އެ އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ ހަރުދަނާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލުން އެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އިސްކޮށް ހުންނަވައިގެން ފެއްޓެވި އެ މަސައްކަތުގެ ދަށުން އަލަށް ހަވާލުވި އެއާޕޯޓްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށެވެ.

އެމްއޭސީއެލުން ބުނީ އެ މަސައްކަތުގެ ދަށުން އެ ކުންފުނީހެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް މުވައްޒަފުންނާ ބައްދަލުކޮށް، އެ ތަނުގެ ހާލަތު ބަލައިފައި ކަމަށެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް އެމްއޭސީއެލްހެ ދަށަށް ބަދަލުކުރީ އެ އެއާޕޯޓްތައް ހިންގަމުން އައި އާރުއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންސްއާ އެމްއޭސީއެލުން ހަވާލުވީ މިދިޔަ މަހުގެ ތެރޭގަ އެވެ.