Last Updated: June 6, 22:41
Sunday, June 7, 2026
ޚަބަރު

'ތިޖާރާ ރަށު ފަތުރު' ލޯނު ސްކީމަށް ހުޅުވާލައިފި

ރަށު ފަތުރުވެރިކަމަށް ލުއި ލޯނެއް ތަޢާރަފުކޮށް، އެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ "ތިޖާރާ ރަށު ފަތުރު" ގެ ނަމުގައި ތަޢާރަފުކުރި ލޯނު ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރިއްޔާގެ އުޞޫލުން ލޯނު ދޭން ތައާރަފުކުރި ސްކީމެއް ކަމަށެވެ.

އެގޮތުން ގެސްޓްހައުސް އެޅުމަށާއި ޓޫރިޒަމް ދާއިރާގެ ސިނާޢަތުގައި ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށް ވެސް ލޯނު ލިބޭނެ އެބެ. އަދި ގެސްޓްހައުސް މަރާމާތު ކުރުމަށާއި އިތުރަށް ތަރައްގީ ކުރުމަށާއި ގެސްޓްހައުސްތަކުގައި ރެސްޓޯރަންޓް/ކެފޭ ނުވަތަ ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރި އެރުވުމަށް ވެސް ލޯނު ދޫކުރާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

މި ލޯން ސްކީމްގެ ދަށުން 5،000،000ރ. އާ ހަމައަށް ފައިސާ ދޫކުރާނެ އެވެ. އަދި މި ލޯނު ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދުވަސް ދޭން ނިންމާފައިވާ އިރު، ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އެސްޑީއެފްސީން ބުނީ ލޯނަށް ފައިނެންސިން ރޭޓްގެ ގޮތުގައި އަހަރަކު 9.5 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށާއި ރަހުނެއް ބަހައްޓަން ޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝާ 700،000ރ. އަށް ވުރެ މަތިވާ ނަމަ ކަމަށެވެ.