Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

ވަޅިން ބިރު ދައްކައި ފޭރުނު ބަޔަކު ހައްޔަރުކޮށްފި

މީހަކަށް ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފޭސްބުކް މެސެންޖާ އިން މީހަކާ ވާހަކަ ދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރު ދައްކައިގެން ހުޅުމާލެ ފޭސް 1 އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް މިދިޔަ މަހުގެ 31 ގައި ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، މުޙައްމަދު ޒަމީރު، 29، އާއި ލ. ގަން/ ތުނޑި، އަރާއިރު، ޢަލީ ހައިސަލް، 37، އެވެ.

ދެ މީހުން ހައްޔަރުކުރީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. ހުޅުމާލެ ފޭސް 1 ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު، ތިން މޮބައިލް ފޯނާއި އަތުކުރީ ތިން ގަޑި އާއި ޑްރޯނަކާއި ދޮއްޓަކާއި ދެ އަވިއައިނާއި އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ވެސް ފެނިފައިވެ އެވެ.

ފުލުހުން ބުނީ އެތަކެއްޗަކީ ދެ މީހުން އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެ މީހުންގެ އަތުން ހަ ވަޅޮ ވެސް ފެނިފައިވާ ކަމަށެވެ.

ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހައިސަލް 4 ދުވަހަށް އަދި ޟަމީރުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވެ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން، އިތުރު މީހުންނަށް ވެސް ބިރު ދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ދިމާވެފައިވާ ނަމަށް ރިޕޯޓް ކުރަން އެދޭ ކަމަށެވެ.