Last Updated: July 8, 10:05
Wednesday, July 8, 2026
ޚަބަރު

ގައުމީ ޓީމަށް ރައީސް ހިތްވަރު ދެއްވައިފި

ސްރީލަންކާގައި މިހާރު ކުރިއަށްދާ "ސައުތު އޭޝިއަން ސުޕަރ ކަޕް 2025" ގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި އެވެ.

ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މޯހަން ވިދާޅުވީ ރައީސް ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ. އަދި ރައީސް އެދިވަޑައިގެންނެވި ގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް މޯހަން ވިދާޅުވި އެވެ.