Last Updated: July 8, 10:05
Wednesday, July 8, 2026
ޚަބަރު

ހަނިފަރަށް ގެއްލުން ނުދީ ބޭއްވުމުން ދޮންފަނަށް މާ ފައިދާވާނެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އަށް ގެއްލުން ނުދީ ބޭއްވުމުން އެ ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ބ. ދޮންފަނުގެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދޮންފަނުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން މިދިޔަ މަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ޖަމިއްޔާތަކުން ވަނީ މި މަޝްރޫޢު މަޑުޖައްސާލައި، އެ ސަރަހައްދުގެ ވެއްޓަށް ލިބޭނެ ގެއްލުން އަންދާޒާކުރުމަށް ފުރިހަމަ އީއައިއޭ ރިޕޯޓެއް ހެދުމަށްފަހު މެނުވީ މި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ގޮވާލާފަ އެވެ. އަދި މި މަޝްރޫޢު ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް، ދުނިޔެއަށް މަޝްހޫރު ޓޫރިޒަމް މަންޒިލެއް ކަމަށްވާ ހަނިފަރު ބޭއަށް ގެއްލުން ދިނުމުގެ ބަދަލުގައި އެތަން މިހާރު އޮތް ގޮތަށް ބޭއްވުމުން ދޮންފަނުގެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ އިތުރުން، ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.