Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

އީމާންކަން ބަލިކަށިވާ ބައެއް ސަބަބުތައް

އީމާންކަން ބަލިކަށިވަމުންދާކަމުގެ އިހްސާސް ނުކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކަށް ހެއްޔެވެ؟ ޣާފިލުކަމުގެ ސަބަބުން ބަލިކަށިވެފައިވާ އީމާން ކަމަށް ރޯޝަނީކަން ގެންނަން ބޭނުންވާ މީހަކަށް އޮތް އެންމެ މޮޅު ފަރުވާއަކީ ﷲ މަތިން ހަނދުމަ ކުރުމެވެ.

ގިނަގިނައިން އިސްތިޣުފާރުމެވެ. އެ އިލާހު ބާވައިލެއްވި މަތިވެރި ކަލާމްފުޅު ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ވިސްނައި ފިކުރުކުރުމާ އެކު ތިލާވަތުކުރުމެވެ. އޭގެ ސަބަބުން ޣާފިލުކަމުގެ ނިދިން ނިދާފައިވާ އަޅުގަނޑުމެންގެ ނަފްސުތައް ހޭލަ އެވެ. އީމާންކަން އިތުރަށް ބަލިކަށިވިޔަ ނުދިނުމަށްޓަކައި ވީ ހާވެސް ގިނަ ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމިހުރުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ.

އީމާންކަން ބަލިކަށިވުމަށް ދިމާވާ ސަބަބުތަކަށް ބަލައިލަމާތޯ އެވެ.

1. ތިމާގެ ވެރި އިލާހުގެ ހައިބަވަންތަކަން އިހްސާސް ކުރެވޭނީ އެ އިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އުނގެނި ދަސްކޮށްގެންނެވެ. އެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނޭނގޭ ކަމުގައިވާ ނަމަ އެއިލާހާއި މެދު އަޅުގަނޑުމެންގެ ހިތުގައި އޮންނަ އީމާންކަމަކީ ބަލިކަށި އީމާންކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ.

2. މި ކާއިނާތުގައި ﷲ ލައްވާފައިވާ ހެކިތަކާއި އެއިލާހުގެ އަމުރުފުޅުތަކާއި ނަހީތަކާއި މެދުގައި ނުވިސްނާ ބައެއްގެ އީމާންކަމަށް ރޯޝަނީ ކަމެއް ނާންނާނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއް ނޫނެވެ.

3. ފާފަތަކަކީ އަޅުގަނޑުމެން ހީވެސް ނުކުރާ ފަދަ ނުބައި އަސަރުތަކެއް އަޅުގަނޑުމެންގެ ނަފްސުތަކަށް ކުރުވައި އީމާންކަން އިންތިހާއަށް ބަލިކަށިކޮށްލާ ކަމެކެވެ. މިކަމަށް ބާރު ލިބޭ އެތަކެއް ހަދީޘްތަކެއް އެބަހުއްޓެވެ.

4. އަޅުކަންތައް އަދާކުރުމުގައި ފަރުވާތެރިނުވެއްޖެ ކަމުގައިވާ ނަމަ އީމާންކަން ދުވަހަކަށް ފަހު ދުވަހެއް ދާނީ ދަށަށެވެ. ވާޖިބެއް އުޒުރަކާއި ނުލައި ދޫކޮށްލައިފި ނަމަ އެ މީހަކު އެކަމުގެ ހިތި ދެކޭނެކަން ކަށަވަރެވެ.

މަސްދަރު: ދިސަލަފިއްޔާ