ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް އިނާޔަތް ދޭން ފެށި ފަހުން މިހާތަނަށް މިހާތަނަށް 35 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުގެ ހިސާބުތަކުން ދައްކައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ މެމްބަރުންނަށް ހިދުމަތުގެ އިނާޔަތުގެ ފައިސާ ދޫކުރަން ފެށީ ޖޫން، 2014 އިން ފެށިގެންނެވެ.
އެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.
ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހު އާންމު ފަރާތަކުން 'އެކްސް'ގައި އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އިނާޔަތް ފުރަތަމަ ދޭން ފެށި، ޖޫން 1، 2014 ގައި އެ ފައިސާ ޖަމާކޮށްފައިވަނީ ފަސް މެމްބަރަކަށެވެ. ނަމަވެސް މިދިޔަ އަހަރާ ހަމައަށް އައިއިރު، އެ އަދަދު ވަނީ 59 އަކަށް އިތުރުވެފަ އެވެ.
އެގޮތުން އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް 2014 އިން 2024ގެ ނިޔަލަށް ޖުމްލަ 17،590،600 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ. އަދި ދެ ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް އެ މުއްދަތުގެ ތެރޭގައި 17،525،996 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.
ކުރީގެ މެމްބަރުންނަށް އިނާޔަތުގެ އިތުރުން، ހެލްތު ސްކީމްގެ ފުރުސަތުތައް ވެސް އޮވެ އެވެ.