ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން ކުރާ ކަންކަމުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގެން ނެތް ކަމަށާއި މިފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއާޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.
މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް އިއުލާން ކުރަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
"މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކެމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލުނުކުރުމާއި، ގުޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާއްމުކަމަށް ވެފައިވާ ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައި ހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ބަދަލުކުރަމުންދާ ކަމަށާއި ކަން މިހެން އޮތް އިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މި ސަބަބުތައް އެ ގޮތަށް ހުރުމުން، މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް ނުދެކޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.