Last Updated: July 8, 09:50
Wednesday, July 8, 2026
ޚަބަރު

ސިނަމާލެ ބްރިޖުގެ އެއް ލޭން މާދަމާ ބަންދުކުރަނީ

ސިނަމާލެ ބްރިޖު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެފެކްސްއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި ނަމަވެސް އެފެކްސްއާ ގުޅިގެން އޮޕަރޭޝަންތަކަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެ ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. އެ ހަރަކާތް މިއަހަރު ބާއްވަން ނިންމާފައިވަނީ މާދަމާ އެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރ ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.