ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ހާސިލުކުރެވުނު ކަންކަމަށް ފަހުރުވެރިވާ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ 27 އަހަރު މަސައްކަތްކުރި ސްޓެލްކޯ ލީޑް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރުސަތަށް ޝުކުރުވެރިވާ ކަމަށާއި ކުންފުނީގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ކުންފުނީގެ އެންމެން ގުޅިގެން ހާސިލުކުރެވުނު ހުރިހާ ކަމަކާ މެދު ފަހުރުވެރިވާ ކަމަށާއި އެދެނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކުރިއެރުމާއި ކާމިޔާބީއާއި ފާގަތިކަމަށް ކަމަށް ފަހުމީ ވިދާޅުވެފައިވެ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރީ 2023، ނޮވެމްބަރު 28 ގަ އެވެ.
ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދެވި ފަރާތެކެވެ. އެގޮތުން ފަހުމީ ވަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.