ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތުގެ ބަސް (ސައިން ލޭންގުއޭޖް) ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެ ކޯހަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީން ފަށާ ކޯހެކެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ހިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ.
މިނިސްޓްރީން ބުނީ ރައީސްގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި އެ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އެގޮތުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 130 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިހާރު ގެންދަނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ.
މިނިސްޓްރީން ބުނީ އެއާއެކު ފުރަތަމަ ފަހަރަށް ސެޓްފިކެޓް ލެވެލްގެ ސައިންލޭންގުއޭޖް ކޯހެއް ގައުމީ ޔުނިވާސިޓީގައި ކިޔަވައިދިނުމަށް ނިންމައި އެ ފުރުސަތު ހުޅުވާލުން ވެގެން ދިޔައީ، މިނިސްޓްރީން ސައިން ލޭންގުއޭޖަށް އާންމުން އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅަކަށް ކަމަށެވެ.
އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ގައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލައިފައެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއީ އޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.