Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 1،520،699 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، 9.7 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،386،554 ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތަކުން މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް 33،733 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 240،828 އަށް އަރަ އެވެ. އެއީ ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ މުޅި ޖުމްލައިގެ 15.8 ޕަސެންޓެވެ.

ރާއްޖެ މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ އާއި ރަޝިޔާ (182،315 ޓޫރިސްޓުން)، އިނގިރޭސިވިލާތް (136،619 ޓޫރިސްޓުން)، އިޓަލީ (107،736 ޓޫރިސްޓުން) އަދި ޖަރުމަން (104،764 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.