Last Updated: June 8, 21:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ރިތިކް ޑައިރެކްޓްކުރާ ފިލްމު 2027 ގައި

ބޮލީވުޑްގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން ޑައިރެކްޝަނަށް ނުކުންނަ ފިލްމު 2027 ގައި ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް އޭނަގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފި އެވެ.

މި ފިލްމަކީ ރިތިކްގެ ސުޕަހޯރީ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައެވެ.

މި ފިލްމާ އެކު އޭނަ ޑައިރެކްޝަނަށް ނުކުންނަން ނިންމި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު މީޑިއާތަކުން ބުނީ "ކްރިޝް 4" ހަދަން ނިންމާފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ރިތިކްގެ "ވޯ 2" ގެނެސްދިން ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާއި އޭނަގެ އާއިލީ ފިލްމި ކުންފުނި، ފިލްމުކްރާފްޓް ޕްރޮޑަކްޝަންސް ގުޅިގެން ކަމަށެވެ.

މިއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބޮލީވުޑް ހަންގާމާއާ ހިއްސާކޮށް ރާކޭޝް ބުނީ "ކްރިޝް 4" ގެ ޝޫޓިން އަންނަ އަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށެވެ. އޭނަ ބުނި ގޮތުގައި މި ފިލްމަކީ އޭގެ ޝޫޓިން ފެށުމުގެ ކުރިން ވަރަށް ގިނަ ތައްޔާރީތަކެއް ވާން ޖެހޭ އެއްޗެއް ކަމަށެވެ.

"އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ކުރިން މި ޕްރޮޖެކްޓަށް ކުރިމަތިވެފައި އޮތް ބަޖެޓްގެ ދަތިކަން ވެސް މިހާރު އޮތީ ހައްލުވެފައި." އޭނަ ބުންޏެވެ.

ރާކޭޝް ބުނީ ޕްލޭނަކީ 2027 ގައި ސިނަމާތަކަށް ފިލްމު ގެނައުން ކަމަށެވެ. އެކަމަކު އެއީ އެ އަހަރުގެ ކިހާ ހިސާބެއްގައި ކަމެއް ނުބުނެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ކްރިޝް" ގެ ފުރަތަމަ ތިން ފިލްމަކީ ރާކޭޝް ޑައިރެކްޓްކުރި ފިލްމުތަކެވެ. އެއީ 2003 ގެ "ކޮއި…މިލް ގަޔާ" އާއި 2006 ގެ "ކްރިޝް" އަދި 2013 ގެ "ކްރިޝް 3" އެވެ.

"ކްރިޝް 4" ގެ ވާހަކަ ދެލެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ.