Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ހިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލުކޮށްފި އެވެ.

އެތަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ ނިންމުން ބާތިލުކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށްޓަކައި ކަމަށެވެ.

ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނީ ހިދުމަތުގައި ހުރި މުވައްޒަފަކު ވަޒީފާ އިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައިވާ ކަމަށެވެ.

އަދި މިހާރު ސިވިލް ވަޒީފާގައި ތިބި މުވައްޒަފުންގެ އެފަދަ ވަޒީފާއެއްގެ ރެކޯޑެއް އޮތް ނަމަ، ސީއެސް ވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އަޕްޑޭޓްކުރަން އެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.