Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އެކްއަކަލްޗާ އެއްބަސްވުމެއް ޗައިނާއާ އެކު ހަދައިފި

އެކުއަކަލްޗަ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސާޗް އިންސްޓިޓިއުޓާ ދެމެދު އެވެ.

އެއްބަސްވުމުގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް މުޙައްމަދު ޝިމާލެވެ.

މި އެއްބަސްވުމު މައިގަނޑު ބޭނުމަކީ އެކްއަކަލްޗަ ދާއިރާ ކުރިއެރުވުމާ ގުޅޭ ދިރާސާތައް ކުރިއަށް ގެންގޮސް، ރާއްޖެ އަށް އެ ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް ވެސް އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވޭނެ އެވެ.

މިދިޔަ ހަފުތާގައި ފިޝަރީޒް މިނިސްޓްރީން ވަނީ މެރިކަލްޗަ ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކޮށްގަ އެވެ. އެ އެއްބަސްވުން ހެދީ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު އެވެ.