ކުރީގެ ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް އެމްޑީޕީން ވަކިވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުއްވި ސިޓީއެއްގައި މަހުލޫފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.
އަދި 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކާ ޝުކުރު އަދާކުރާ ކަމަށާއި އަދި ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރަން ފުރުސަތު ލިބުނީތީ އުފާކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވަނީ އޭނާއަށް ތާއީދުކޮށް ދެއްވި އެމްޑީޕީގެ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށާއި އަދި މި ނިންމުމާ މެދު އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ މައާފަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.