Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަން ޖެހޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ތާއީދުކުރައްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެއްޖެގައި ރައީސް ވިދާޅުވީ ކުރީގެ ރައީސުން އަދި ކުރީގެ މަޖިލިސް މެންބަރުކަންކޮށްފައި ތިބި ފަރާތްތަކަށް ގާނޫނުގެ ދަށުން މިހާރު ދެމުން އަންނަ އިނާޔަތްތައް މަދުކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.