Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ފަހުމީ، ރައީސް އޮފީހުގެ އިސް މަގާމަކަށް

ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސައިން ފަހުމީ- ފޮޓޯ: ރައީސް އޮފީސް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ފަހުމީ އައްޔަން ކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. އެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަންކޮށްފައިވަނީ މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އެވެ. ފަހުމީ ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކުރީ 2023، ނޮވެމްބަރު 28 ގަ އެވެ.

ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދެވި ފަރާތެކެވެ. އެގޮތުން ފަހުމީ ވަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފަ އެވެ.