Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ސައުދީން 64،000 ފޮތް ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސުލައިމާން އަލް އަރަޖާއެވެ.

އެ ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަހުވަންތަ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ހިދުމަތްކުރުމަށާއި، އިލްމާއި މައުރިފާ އާލާކުރުމަށް ސައުދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމް މުހައްމަދު ބިން ސައޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެޔުނިވާރސިޓީގެ ފަރާތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި އިހްލާސްތެރި ޝުކުރާއި ތައުރީފު ދަންނަވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަދި ސައުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްގަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސިލައިމާން އަލް އަރަޖާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އޭގެ އިތުރުން އެ ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް ވަނީ އަރުވާފައެވެ.