އއ. މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އއ. މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މިދިޔަ މަހު ފެރިދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ފެރިދޫގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑް ތަރައްޤީކުރާނީ މާފަރު ފަޅުގައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފަތުރުވެރިކަމަށް ބަރޯސާވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.