ހުރިހާ ސިޓީތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ޑޮމެސްޓިކް ރޭޓުގައި ބިލް ކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުގައި ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދު ކުރަން ލިބޭ ޢަދަދު ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން ބައެއް ބަދަލުތައް ވެސް ގެނައުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 ޕަސެންޓް ދެގުނަ ބޮޑުކޮށް، 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފަ އެވެ.
މީގެއިތުރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ހަމަޖެއްސުމުގައި ބަލާ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު ހުށަހެޅުމަށްވެސް ވަނީ ނިންމާފަ އެވެ.