Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

އައްޑޫ ނޭޗާ ޕާކުން 'މެންގްރޫވް ފެސްޓިވަލް' ބާއްވަނީ

އައްޑޫ ނޭޗާ ޕާކުން "މެންގްރޫވް ފެސްޓިވަލް" ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 15 ގައި ބާއްވަން ހަމަޖެހިފައިވާ ފެސްޓިވަލްގައި ތިމާވެށީގެ ދާއިރާގެ ތަފާތު މަސައްކަތްތާއި އިޖާދީ ހިޔާލުތަކާ އެކު ސްޓޯލްތައް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. ޖުމްލަ 16 ސްޓޯލަށް ފުރުސަތު ދޭނެ ކަމަށް ނޭޗާ ޕާކުން ބުންޏެވެ.

އެގޮތުން ސްކޫލްތަކާއި ކޮލެޖްތަކާއި އެހެން އިންސްޓިޓިއުޓްތަކަށް ބައިވެރިވޭނެ އެވެ. ސްޓޯލްތަކަށް ފުރުސަތު ދޭން ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ފަރާތްތަކަށް އިސްކަން ދޭ ގޮތަށެވެ.

ނޭޗާ ޕާކުން ބުނީ "މެންގްރޫބް ފެސްޓިވަލް" ގައި ބައިވެރިކުރާ ސްޓޯލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން ސްޓޯލެއް ހޮވައި ފައިސާގެ އިނާމު ވެސް ދޭނެ ކަމަށެވެ.

"މެންގްރޫވް ފެސްޓިވަލް" ކުރިއަށްދާ ދުވަހު، ފެސްޓިވަލްގައި ކާބޯތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ހަތަރު ސްޓޯލަކަށް ފުރުސަތު ދޭން ހަމަޖެހިފައިވާ އިރު، ދިވެހި އުފެއްދުންތަކާއި ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ހާއްސަ ސްޓޯލްތަކަށް އިސްކަން ދޭނެ އެވެ.

"މެންގްރޫވް ފެސްޓިވަލް" ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫގައި އައްޑޫ ނޭޗާ ޕާކް ހުންނަ މަގު ކަމަށްވާ އީދިގަލި މަގުގައި މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 4:30-6:00 އަށެވެ.

މި ފެސްޓިވަލަކީ ނޭޗާ ޕާކްގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ އިވެންޓެކެވެ.