Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ނޭނގި ކުރެވޭ ވަރަށް ގޯސް ކަމެއް!

ރަނގަޅަށް އުޅެން މަސައްކަތް ކުރާ ފިރިހެން ބޭފުޅުންނާއި އަދި ރީއްޗަށް ބުރުގާ އަޅައިގެން ނުވަތަ މޫނު އަޅައިގެން އުޅޭ ބައެއް އަންހެން ބޭފުޅުން ވެސް މިގޮތަށް ކަންތައް ކުރާތީ ފެނެ އެވެ.

އެއީ އަންހެނުންގެ ޢައުރަ ފާޅުވާން ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ޝެއާ ކުރުމެވެ. އަދި މިއުޒިކު ހުންނަ ކްލިޕްތައް ވެސް ޝެއ ކުރުމެވެ. ބައެއް ފަހަރު އޭގައި ލިޔެފައިވާ ރީތި މެސެޖެއްގެ ސަބަބުން ބަލަނުލާޢީ ޝެއާކޮށްލެވެނީ އެވެ. ނޫނީ މަޖާ ވާހަކައެއް ނުވަތަ މަޖާ ވީޑިއޯއެއް ވީމާ އެހެން މީހުންނަށް ހިއްސާކޮށްލާ ހިތްވަނީ އެވެ.

އެކަމަކު ޙަޤީޤަތުގައި މި ކުރެވޭ ކަމަކީ ނުސީދަކޮށް ފާފަ ފެތުރުމެވެ. އެ ޢައުރަ ނިވާ ނުކޮށް ހުންނަ އަންހެން ކުއްޖާ އަށް، ފިރިހެނަކު ބަލާ ކޮންމެ ފަހަރަކު އެ ޝެއާކުރި މީހާއަށް ވެސް އޭގެ ފާފަ ލިބޭނެ އެވެ. އެ މިއުޒިކް ވީޑިއޯ ޕްލޭކޮށްލާ ކޮންމެ ފަހަރަކު އޭތި ޝެއާކުރި މީހާއަށް އޭގެ ފާފަ ލިބޭނެ އެވެ. އެއީ އޭނަ އެކަމުގެ ސަބަބަށްވީތީ އެވެ.

ދެން ބުނެފާނެ އެވެ. “އެއީ މުސްލިމުންނެއް ނޫނެވެ. ނުވަތަ ބުރުގާ އަޅާ ކުއްޖެއް ނޫނެވެ”

ބުނަމެވެ. ފުރަތަމަ އެ މީހުން ޢައުރަ ނުފޮރުވުމަކީ ފާފައެކެވެ. އަދި އެމީހުންގެ ޢައުރަ ނުފޮރުވުމަކީ އެ މީހުންގެ ޢައުރަ އަޅުގަނޑުމެން އެހެން މީހުނަށް ދެއްކުން ހުއްދަވާނެ ކަމެއް ނޫނެވެ. އެ ކުއްޖާ އަކީ ބުރުގާ ނާޅާ ކުއްޖަކަށް ވީމާ އެ ކުއްޖާގެ ފޮޓޯ އަޅުގަނޑުމެން ޖެހުން ހުއްދައެއް ނުވާނެއެވެ. އެއީ ސެލްފީއަކަށް ވެސް ވިޔަސް ނުވަތަ ގުރޫޕް ފޮޓޯއަކަށް ވިޔަސް މެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިކަން ޢާންމުވެފައިވާ މިންވަރުން މި ވާހަކަ ޤަބޫލު ކުރަން ފަހަރެއްގައި އުނދަގޫ ވެދާނެ އެވެ. އެހެން ނަމަވެސް މީސްތަކުންގެ ޢަމަލަކީ ޙުއްޖަތެއް ނޫނެވެ. މީހުން ކޮންމެ ގޮތަކަށް ޢަމަލު ކުރިޔަސް ދީނުގައި އޮންނަ ގޮތެއް ބަދަލެއް ނުވާނެ އެވެ.

ހެޔޮ މީހަކީ ޙައްޤު ގޮތް އެނގުމުން އެގޮތަށް ތަބާވާ މީހާ އެވެ.

ކުރިން މި ގޮތަށް ކަންތައް ކުރެވިފައި ނަމަ އެކަމަށް ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި ކުރިން ޝެއާ ކުރެވިފައި ހުރި އެއްޗެހިތައް ޑިލީޓްކޮށްލައި ދެން އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅާށެވެ.

މަސްދަރު: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.