Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

ފައިސާގެ ދަހިވެތިކަމުގައި ޔުނިފޯމް ވިއްކާނުލާތި: ސީޕީ

ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯމް ވިއްކާނުލުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އިލްތިމާސްކުރައްވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެސްސީއެސް) އިން "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިން" ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީޕީ ޒަރީރު ވިދާޅުވީ ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުން މުހިއްމު ކަމަށާއި އެގޮތުން ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯމް ވިއްކާނުލުމަށް އަދި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސީޕީ ޒަރީރު ވިދާޅުވީ މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއް އަދާކުރަން ފެށުން ކަމަށެވެ. އަދި ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފްގެ ބެލެނިވެރިންގެ ގޮތުގައި ކަމަށާއި އޮފިސަރުންނަށް މައިގަނޑު ގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފިސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ކޯހުގައި އުނގަނައި ދިން އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓް ކުރުމަށް މަސައްކަތްކުރުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

ކަރެކްޝަންސް އިން ބުނީ 27 ބައިވެރިންގެ ތެރެއިން، އެކި ސަބަބުތަކާހުރެ މި ކޯސް ފުރިހަމަކޮށްފައިވަނީ 22 ފަރާތް ކަމަށެވެ.

މި ކޯހުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުން ކަމަށްވެސް ކަރެކްޝަންސް އިން ބުނެ އެވެ.