Last Updated: July 8, 07:30
Wednesday, July 8, 2026
ޚަބަރު

އެމްޑީޕީން ވަކިވުމަކީ ނިންމަން އުނދަގޫވި ނިންމުމެއް

އެމްޑީޕީން ވަކިވުމަކީ ނިންމަން އުނދަގޫވި ނިންމުމެއް ކަމަށް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންނެވި، ކުރީގެ ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް މިއަދު ފޮނުއްވި ސިޓީއެއްގައި މަހުލޫފް ވަނީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވާން އެދޭތީ، އެ ޕާޓީން ވަކިކޮށްދިނުމަށް އެދިފަ އެވެ.

އެކްސްގައި މިރޭ މަހުލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރު އެމްޑީޕީއާ އެކު މަސައްކަތް ފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރު ދޫކޮށް ނުކުމެ ކަމަށާއި އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައި ވެރިކަމެއް ކަމަށްވާއިރު، މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޔާ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށެވެ. އަދި ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ސިޔާސީ ޕޯޑިއަމް އަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ ދެ އަހަރު ވީއެވެ. މިއަދުގެ ނިންމުމާއެކު މަރުޙަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާޢާފަށް އެދެމެވެ. އެކަމަކު ގިނައިން ފާޑުކިޔާފައި ހުރިތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުންނެވެ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އިއްޔެ އޭނާ ރަނގަޅުވި މީހުންނަށް މިއަދު ގޯސްވެފައިވާ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމި އޮތް އެންމެ ޕާޓީއެއް ވެސް އަދި ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށެވެ.

މިއީ ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ނަމަވެސް އެމްޑީޕީން ވަކިވީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރަން ނެތް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި އެކަން އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުޙަބާ ކިޔުމާ އަދި މުހިއްމު ކަމުގެ އިހުސާސަށް ވުރެ ވަކި އިތުރަށް އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ،" މަހުލޫފް ވިދާޅުވި އެވެ.