Last Updated: July 8, 06:17
Wednesday, July 8, 2026
ދުނިޔެ

ނޭޕާލްގެ ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ހޯމް މިނިސްޓަރު ރަމޭޝް ލަކާކް އިސްތިއުފާ ދެއްވައިފި އެވެ.

ނޭޕާލްގެ އެކި ސިޓީތަކުގައި މުޒާހަރާތައް ކުރަމުން އަންނަނީ އެގައުމުގައި ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމާއި އަދި އެގައުމުގެ ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތަކާއި ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ އިސްލާހީ ބަދަލުތައް ގެންނަން ނޭޕާލްގެ ސަރުކާރަށް ގޮވާލަމުންނެވެ.

ނޭޕާލްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލެކާކް އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ނޭޕާލްގެ ބޮޑުވަޒީރުގެ ގެކޮޅުގައި ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި 15 ގަ އެވެ.

މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، ނޭޕާލްގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. އެގޮތުން މުޒާހަރާ ތެރެއިން 17 މީހަކު މަރުވެފައިވާއިރު 400 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ނޭޕާލްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، އެގައުމުގެ ބޮޑުވަޒީރު ޝަރްމާ އޮލީ ވަނީ ސޯޝަލް މީޑިއާ ފްލެޓްފޯމުތައް ބްލޮކް ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުނުކުރަން ނިންމާފަ އެވެ.