ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިޓަލީން ފަހު ވަގުތު 4-5 އިން އިޒްރޭލު ބަލިކޮށްފި އެވެ.
މި މޮޅާއެކު އިޓަލީ އޮތީ ހަތަރު މެޗުން 9 ޕޮއިންޓު ހޯދައިގެން ކޮލިފައިން ގްރޫޕްގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު މެޗުން ވެސް މޮޅުވެގެން 12 ޕޮއިންޓާ އެކު އޮތީ ނޯވޭ އެވެ. ތިންވަނައިގައި ފަސް މެޗުން 9 ޕޮއިންޓު ހޯދައިގެން އިޒްރޭލު އޮތްއިރު އިޓަލީ އަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި ތިން ޕޮއިންޓާއެކު އެސްޓޯނިއާ އޮތްއިރު ފޮއިންޓެއް ނުލިބު ފުލުގައި އޮތީ މޮލްޑޯވާ އެވެ.
ހަންގޭރީގައި ކުޅުނު މި މެޗުގެ 16 ވަނަ މިނެޓްގައި އިޒްރޭލުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އިޓަލީގެ މަނުއަލް ލޮކަޓެލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮއިސް ކީން ވަނީ އިޓަލީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު އިޒްރޭލުން އަލުން ލީޑު ނެގިއިރު، މެޗުގެ 54 ވަނަ މިނެޓްގައި އިޓަލީއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނީ ވެސް ކީން އެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި މަޓެއޯ ޕޮލިޓާނޯ އިޓަލީއަށް ލީޑު ނަގައިދިން އިރު، މެޗުގެ 81 ވަނަ މިނެޓްގައި ރަސްޕަޑޯރީ ވަނީ އިޓަލީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އިޒްރޭލުން މެޗުގެ 87 ވަނަ މިނެޓްގައި ތިންވަނަ ގޯލެއް ކާމިޔާބުކުރިއިރު، މިއީ އިޓަލީގެ ޑިފެންޑަރު ބަސްޓޯނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި އޭގެ ދެ މިނެޓް ފަހުން އިޒްރޭލުން ނަތީޖާ އެއްވަރުކުރިއިރު، އިޓަލީ މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސަންޑްރޯ ޓޮނާލީ އެވެ.
ޔޫރަޕްގެ ކޮލިފައިން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަށްދާ ޓީމަށް އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕްގެ ދެ ވަނަ އަށްދާ ޓީމު ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.