Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ މަޖިލިސް މެންބަރުންނަކީ ނުބައި ނުލަފާ ބައެއް

ދިވެހި ރައްޔިތުން މިއަދު ތަހަންމަލް ކުރަން ޖެހިފައިވާ ހުރިހާ ދަތި އުނދަގޫތަކެއް ކުރިމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީ މެންބަރުންގެ ޒިންމާދާރުކަން ކުޑަ، ނުބައި ނުލަފާކަމުން ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާހާ ގޮތަށް ކަންކަން ކުރެއްވުން ކަމަށެވެ.

"ފުރަތަމަ ކަމަކީ އެއްވެސް ހައްދެއް ނެތް މިންވަރަށް ރައީސް ބޭނުންގޮތަކަށް ތަޅާބުރުވަން ބަޖެޓު ފާސްކޮށްފައިވުން،. .ދެވަނަ ކަމަކީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކުގެ ވާހަކަތަށް ދައްކާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ކަމެއް ޕީއެންސީ މެންބަރުން މަޖުލީސް ތެރެއިން ނުކުރުން،" އައްބާސް ވިދާޅުވި އެވެ. "ތިންވަނަ ކަމަކީ ސަރުކާރުގެ ތެރެއިން ކުރަމުންދާ ބޮޑެތި ވަެއްކަންތަށް ކުރާކަން އެގި ތިބެ އެކަމާ ކުޑަވެސް ބަހެއް ނުބުނެ ލޯކަނު، ކަންފަތް ބީރު ބައެއް ގޮތުގައި ޕީއެންސީ މެންބަރުން މަޖިލީސްގައި ތިބުން."

އޭނަ ވިދާޅުވީ މިކަންކަމުގެ ސަބަބުން ޤައުމުގެ މާލީ ހާލާތަށް އެއްވެސް ބެލުމެއް ނެތި ދައުލަތުގެ ބަޖެޓް ރައީސް މުއިއްޒު ހިތުހުރި ގޮތަކަށް ހަރަދަކުރަމުން ގެންދަވާ ކަމަށެވެ.

"އެއްވެސް ހައްދެއް ނެތް މިންވަރަށް ރަށްރަށުން ސިޔާސީ ބޭނުންތަކަށް ވަޒީފާ ދީ މުޅި ދައުލަތް ލޫޓުވަމުން ދަނީ،" އައްބާސް ވދާޅުވި އެވެ. "އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ޕީއެންސީގެ ކެޑިޑޭޓުންނަށް ވޯޓު ދީފި ނަމަ އެކަން ވެގެން ދާނީ ރައްޔިތުން އަމިއްލަ އަށް އަދަގޮނޑި ޖެހުމަށް."