ކުރީގެ އެކްޓަރު އުދޭ ޗޯޕްޅާއާ ރައްޓެހިވެގެން އުޅެފައި އެ ގުޅުން ނިމުމަމަށް އައުމުން ވަރަށް ބޮޑަށް ހިތްހަލާކުވި ކަމަށް ބަތަލާ ތަނީޝާ މުކަރްޖީ ބުނެފި އެވެ.
ބޮލީވުޑުން އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ 47 އަހަރުގެ ތަނީޝާ އަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
އުދޭ، 52، ގެ އިތުރުން އޭނަ ކުރީގެ އެކްޓަރު އަރްމާން ކޯލީ، 53، އާ ވެސް ރައްޓެހިވި އެވެ. ތަނީޝާ އާއި އަރްމާން ރައްޓެހިވީ ދެ މީހުން އެކީގައި ކަލާސް ޓީވީ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 7 ގައި 2013 ގައި ވާދަކުރި ދުވަސްވަރު އެވެ.
ތަނީޝާ އާއި އުދޭ ރައްޓެހިވީ ދެ މީހުން އެކީގައި 2005 ގެ ފިލްމު "ނީލް އެންޑް ނިކީ" ކުޅުނު ދުވަސްވަރުންނެވެ. އޭގެ ކުރިން ވެސް އެ ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ތަނީޝާ ބުނީ އަރްމާންއާ ރުޅިވާން ޖެހުނު ނަމަވެސް އެކަން މާ ބޮޑު ކަމަކަށްވެގެން އުޅެން ނުޖެހޭ ކަމަށެވެ.
"އެކަމަކު ހަމަ ހަގީގަތުގައި ވެސް އުދޭއާ އޮތް ގުޅުން ނިމުމަކަށް އައިމަ ވަރަށް ބޮޑަށް ހިތް ހަލާކުވި. ސަބަބަކީ އަހަރެމެން ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުމުގެ ކުރިން ވެސް ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނަށްވުން،" ތަނީޝާ ބުންޏެވެ. "ލޯބީގެ ގުޅުމާ އެކު އެ އެކުވެރިކަން ވެސް ގެއްލިގެން ދިޔައިމަ ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނު."
ނަމަވެސް އަބަދު ވެސް ކަންކަމާ ދޭތެރޭ ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ތަނީޝާ ބުންޏެވެ. އެހެންވެ އުދޭއާ ވަކިވާން ޖެހުމަކީ ރަނގަޅަށްވި ކަމެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރާ ކަމަށް ތަނީޝާ ބުންޏެވެ.
ލޯބީގެ ދެ ގުޅުން ވެސް ފެއިލްވި ތަނީޝާ ހުރީ ހުސްބަށިބަޔަށެވެ. އަދި އުދޭ އާއި އަރްމާން ވެސް މިހާތަނަށް ކައިވެނިކޮށްފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ދެ މީހުންނަކީ ވެސް ތަނީޝާ ގޮތަށް ފިލްމީ އާއިލަތަކަކަށް ނިސްބަތްވާ ބައެއްކަމެވެ.
އާއިލީ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް "ދޫމް" ފްރެންޗައިޒްގައި މަސައްކަތްކޮށްފައިވާ އުދޭ އަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އޭނަގެ ބޭބެ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ވިދި އަރްމާން އަކީ ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާޖްކުމާރު ކޯލީގެ ދަރިއެކެވެ.