Last Updated: June 8, 21:45
Tuesday, June 9, 2026
ދުނިޔެ

ނޭޕާލުގައި ސޯޝަލް މީޑިއާ އަށް އަލުން ހުއްދަ

ނޭޕާލްގެ އިންފޮމޭޝަން މިނިސްޓަރު.

ސޯޝަލް މީޑިއާ މަނާކުރުމުން ސަރުކާރާ ދެކޮޅަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ހުއްދަ އަލުން ނޭޕާލުގައި ދީފި އެވެ.

ވެރިރަށް ކަތަމަންޑޫގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދަށް ގިނަ ބަޔަކު އިއްޔެ އެއްވެ، މުޒާހަރާކޮށްފައިވާ އިރު، މުޒާހަރާގައި 19 މީހަކު މަރުވެފައިވެ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވެސް ވެފައިވެ އެވެ.

މުޒާހަރާ ހޫނުވެ، ގައުމުގެ މަސްރަހު ހަލަބޮލިވާން ފެށުމުން ކުއްލި ކެބިނެޓް ބައްދަލުވުމެއް އިއްޔެ ބޭއްވުމަށް ފަހު ވަނީ ސޯޝަލް މީޑިއާ ބްލޮކް ކުރަން ނިންމި ނިންމުން ބާތިލުކޮށް، ކުރިއެކޭ އެެއްގޮތަށް ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.

ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓަރު ޕްރިތުވީ ސުބާ ވިދާޅުވީ "ޖެންޒީގެ ޑިމާންޑާ އެއްގޮތަށް މިހާރު ސޯޝަލް މީޑިއާ އަށް ހުއްދަ ދީފައިވާ" ކަމަށެވެ.

ނޭޕާލްގެ ނުތަނަވަސްކަމުގެ ތެރޭގައި އެ ގައުމުގެ ހޯމް މިނިސްޓަރު ރަމޭޝް ލަކާކް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ނޭޕާލްގައި މިދިޔަ ހަފުތާގެ ފަހުކޮޅު ސޯޝަލް މީޑިއާ މަނާކުރީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްގެން ނޫނީ ނުހިންގޭނެ ކަމަަށް ބުނެ އެވެ. އަދި މިއީ ފޭކް އައިޑީތައް ބޭނުންކޮށްގެން ނަފުރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތަކާއި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.