މިފްކޯ އިން ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައި ކުރިއަށްދާ ޗައިނާ އިންޓަނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި ބައިވެރިވެއްޖެ އެވެ.
މ މަހުގެ 8-11 އަށް ކުރިއަށް ގެންދާ މި ފެއާ އަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ ފެއާއެކެވެ. ފެއާގައި މިފްކޯގެ ސްޓޯލެއް ބަހައްޓައި، އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަ ލޯކަލް ސޭލްސް އެންޑް މާކެޓިން، އާއިޝަތު ރިޔާޒާ ވިދާޅުވީ ފެއާގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓުތަކަށް ފުޅާކުރުމާއި، ޚާއްޞަކޮށް ޗައިނާގެ މާކެޓްތަކަށް މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުން ކަމަށެވެ.
ފެއާގައި މިފްކޯއިން އަންނަނީ އެ ކުންފުނީގެ ތަފާތު އުފެއްދުންތައް ދައްކާލައި، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށް ދެމުންނެވެ.
ފެއާގައި މިފްކޯ އިން ބައިވެރިވާ އިރު، މި ވަގުތު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ހުންނެވީ ޗައިނާގަ އެވެ.