Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފިި

އައްޑު އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަށާފައި އޮތް މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ އިންޓޭކަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 15 މެޑިކަލް ގްރެޖުއޭޓުންނަށް ކަމަށެވެ.

މެޑިކަލް އިންޓާންޝިޕަށް އެޕްލައި ކުރެވޭނީ މެޑިކަލް ކޮލެޖް/ޔުނިވަސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮންނަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ވެސް އޮންނަ އަދި ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތް ފަރާތްތަކަށެވެ.

އޭއީއެޗުން ބުނީ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަ ހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 6885045 އާއި މެއިލް [email protected] އިން ހޯދޭނެ އެވެ.

އަތޮޅުތެރޭގެ އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އޭއީއެޗްގައި މެޑިކަލް އިންޓާންޝިޕް ރަސްމީކޮށް ފެށި މިދިޔަ ޖުލައި މަހުގެ 16 ގަ އެވެ. މިއީ އެތަނުގައި އިންޓާންޝިޕް ފެށި ފުރަތަމަ ފަހަރެވެ.