ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމުމާއި ގުޅިގެން އެރަށުގެ ރައްޔިތުންތަކެއް ނިކުމެ ރައިސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ.
ރަށެއްގެ ރައްޔިތުން ބޭނުންނުވާކަމެއް ކޮށްދިނުމަށް ވައުދުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"މިގޮތުން ބ. ދޮންފަންނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން،" ރައީސް ވިދާޅުވި އެވެ. "ނަމަވެސް ރައްޔިތުން އެކަން މީހާރު ބޭނުންނު ވާކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ. އެހެންކަމުން، އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން."
ދޮންފަނުގެ ބިން ހިއްކުމާއި ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކާއި ފަތުރުވެރިކަމުގައި ހިމެނޭ ގިނަ ބަޔަކު ދިޔައީ ބިން ހިއްކުން ހުއްޓާލަމުންނެވެ.
ދޮންފަނުގައި މިއަދު ބަޔަކު ނިކުމެ މުޒާހަރާ ކުރަން ފެށީ ރައިސް އެ މަޝްރޫއު ހުއްޓާލެއްވިކަން އިއްލާން ކުރުމާއި ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސްގެ ނިންމެވުން ބަދަލުކޮށް، އެރަށުގެ ބިން ހިއްކައި ދިނުމަށް ގޮވާލަމުންނެވެ.