Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ވަގަށް ސިނގިރެޓް އެތެރެކުރުމާ ދެކޮޅަށް އޮޕަރޭޝަނެއް

ވަގަށް ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރި ހުއްޓުވަން ކަސްޓަމްސް ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެ އދާރާ އިން ނެރުނު އިއުލާނެއްގައި ބުނީ ހާއްސަ އޮޕަރޭޝަނެއް ފެށީ ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތު ލިބެމުންދާތީ ކަމަށެވެ.

އެހެންވެ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް އެ އޮޕަރޭޝަނުގެ ދަށުން ކަސްޓަމްސް އަށް ނަގާނެ ކަމަށާއި އަދި ވަގަށް ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރި ކުރަމުންދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ހެލްތު މިިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ނުކުރުމަށް އެ އިދާރާ އިން އިލްތިމާސްކޮށްފައިވެ އެވެ.

އަދި ވަގަށް ދުންފަތް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދިފައިވެ އެވެ.

ވަގަށް ސިނގިރެޓް އެތެރެކުރުމުގެ މައްސަލަތައް މި ފަހުން ފެންމަތިވާން ފެށީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު މި އަހަރުގެ ކުރީކޮޅުން ފެށިގެން ތަންފީޒު ކުރަން ފެށުމާ ގުޅިގެންނެވެ.