Last Updated: June 4, 17:38
Thursday, June 4, 2026
ޚަބަރު

މީޑިއާ ބިލް ދިރާސާ ކުރާ ކޮމެޓީ ސިއްރު، ނޫސްވެރިން މުޒާހަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ މަސައްކަތް ފެށުމުގެ ކުރިން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވަނީ ކޮމިޓީ ސިއްރުކުރަން ހުށަހަޅާފައެެވެ. ނަސީމް ވިދާޅުވީ ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ މި ބިލަށް ވަރަށް ގިނަ ބައެއްގެ ކޮމެންޓު ލިބިފައިވާތީ، އެ ފަދަ ކޮމެންޓުތައް ބަލައި ދިރާސާކުރާއިރު މީހުންގެ ޒާތީ މައުލޫމާތު ވެސް ހާމަވާނެތީ ކަމަށެވެ.، އެހެންވެ މިވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޓީ ސިއްރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ކޮމިޓީ ސިއްރުކުރަން މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ސިއްރުކުރަން ނިންމުމާއެކު، ކޮމިޓީ އަޑުއަހަން ހާޒިރުގެ ތިބި ބައެއް ނޫސްވެރިން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފައެވެ. އަދި ކޮމެޓީ އަޑުއެހުމަށް ދިޔަ ނޫސްވެރިން މިހާރު އަންނަނީ މަޖްލިސް އިދާރާ ސަރަހައްދުގައި އަޑު އުފުލަމުންނެވެ.