ބޮލީވުޑްގެ ތަރި، ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.
މިދިޔަ މަހުން ފެށިގެން މީގެ ޝޫޓިން ކުރިއަށްދާ އިރު، މި ފިލްމުގައި އޭނަ ކުޅެނީ ސިފައިންގެ މީހެއްގެ ރޯލެވެ. ސަލްމާން މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ފޮޓޯގައި ފެންނަނީ އަސްކަރީ ޔުނިފޯމުގައި އޭނަ މަންޒަރަކަށް ތައްޔާރުވެގެން ހުންނަ ތަނެވެ.
"ބެޓްލް އޮފް ގަލްވާން" އަކީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާއާ އެކު އޭނަ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމު ހަދަނީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެންނެވެ.
"ބެޓްލް އޮފް ގަލްވާން" ރަސްމީކޮށް އިއުލާންކުރީ ޖުލައި މަހުގެ ކުރީކޮޅު އެވެ.
ނަމަވެސް ސަލްމާން ފިޔަވައި މި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފިލްމުގެ ބަތަލާ އަކީ ޗިތުރަންގަދާ ސިންގް ކަމަށް މީޑިއާތަކުން ބުނެ އެވެ.
"ބެޓްލް އޮފް ގަލްވާން" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް ވެސް އަދި ނުނިންމަ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފިތުރު އީދުގައި ރިލީޒްކޮށް، ފިނި ތަރުހީބެއް ލިބުނު އެކްޝަން ތުރިލާ "ސިކަންދަރު" އެވެ.